ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭނީ ފެންވަރު ރަނގަޅު ކޮލިޓީ ބޭސް ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލު މިއަދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭނީ ފެންވަރު ރަނގަޅު ކޮލިޓީ ބޭސް ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ ބޭސް ބޭނުން ކުރުމުން ތަފާތު ފެންނަ ކަމަށާއި މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭނީ އެފެންވަރުގެ ބޭސް ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ އެކަމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން މިހާރު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

ޚަލީލް ވިދާޅުވީ ޔޫއެންޑީޕީ މެދުވެރިކޮށް ގަނޑުކޮށް ބޭސް ގެނައުމުން ޚަރަދުކުޑަކޮށް ކޮލިޓީ ބޭސް ލިބޭނެ ކަމަށެވެ.

“ފެންވަރު ރަނގަޅު ކޮލިޓީ ބޭސް. އެެއީ އަވަށްޓެރި ގައުމަކުން އުފެއްދި ކަމުގައި ވިޔަސް ދުރުން އުފެއްދި ކަމުގައި ވިޔަސް ކޮލިޓީ ބޭސް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން.” ޑރ. ޚަލީލް މިއަދު ވިދާޅުވިއެވެ.

ޑރ. ޚަލީލް މިމޭރުން ވިދާޅުވެފައިވާއިރު ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ އެސްޓީއޯއިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން