ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާމެދު، މަޖިލީހުގެ ގަވާއިދަށް ގެނައި އިޞްލާޙު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނާއިބު 28 ޖަނަވަރީ 2024 ގައި ހުށައެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ބަންޑާރަނާއިބު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މި މައްސަލަ އެ ކޯޓުން ކުރިއަށް ގެންދަނީ ދަޢުވާލިބޭ ފަރާތެއް ނެތް “އެކްސްޕާޓޭ” މައްސަލައެއްގެ ގޮތުގައެވެ. މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ މައްސަލަ އެގޮތަށް ކުރިއަށް ގެންގޮސްދިނުމަށް ބަންޑާރަނާއިބު އެދިވަޑައިގަތުމުން އެކަމުގައި މަޖިލީހުން ދެކޭގޮތް ސާފުކުރުމުން އެ ކަމަށް މަޖިލީހުންވެސް އިޢުތިރާޒް ކޮށްފައި ނުވާކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންކަމުން، މަޖިލީހުން މިހާރު އިސްތިޢުފާ ދެއްވާފައިވާ 7 މެންބަރުން އުނިކޮށް ޖުމުލަ މެންބަރުންގެ ގޮތުގައި މިހާރު މަޖިލީހުން ބަލަނީ 80 ތިއްބެވި ކަމަށެވެ.

ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ޖުމުލަ އަދަދަކީ، އެ ދައުރަކަށް އިންތިހާބު ކުރާ ޖުމުލަ މެންބަރުން ގޮތުގައި ބެލުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ ބަންޑާރަނާއިބު ހުށައެޅުއްވި މައްސަލައިގައި ބާތިލް ކޮށްދިނުމަށް އެދިފައިވާ އަކުރުތަކަށް އަދިވެސް އަމަލުކުރަމުން ދޭތޯ ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި ދަޢުލަތުގެ ވަކީލް ވިދާޅުވެފައިވަނީ މަޖިލީހުން މިހާރު އެ އަކުރުތައް އުނިކޮށް އާ މާއްދާއަކަށް ބައެއް އިތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއް އޮތުމުން އެ އަމުރާ ޚިލާފަށް ނިންމާފައިވާ ނިންމުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް ނުދެކޭ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ސުޢޫދުގެ މައިގަނޑު ސުވާލަކީ މަޖިލީހުގެ ޖުމްލަ ކޯރަމަށް އަސަރުކުރާފަދަ އަދަދެއްގެ މެންބަރުންގެ ގޮނޑި ހުސްވުމަށްފަހު މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް ނެތް ޙާލަތެއްގައި ދެން ވެގެންދާނެ ގޮތަކާމެދުގައެވެ.

ޖަވާބުގައި ދަޢުލަތުން ބުނެފައިވަނީ އެޙާލަތުގައި މަޖިލިސް ހުއްޓޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން