މި ސަރުކާރަކީ ދޮގުގެ މައްޗަށް އުފެދުނު ސަރުކާރެއް ކަމަށާއި މި ސަރުކާރަށް އިތުރު ވަގުތު ދީފިނަމަ އިތުރު ދޮގު ހަދާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރަކީ ދޮގާއި ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށާއި އެކަން ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް ހާމަވަމުން ދާކަމަށެވެ. އަދި އެކަން މިއަދު ރައްޔިތުން ބަދަލުކުރަން ބޭނުންވާކަމަށާއި އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް މުހިންމު ވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބޮޑެތި ދޮގުތައް އަދިވެސް ހައްދަވަމުން ކަމަށާއި ސަރުކާރަށް އިތުރު ވަގުތު ދީފިނަމަ އިތުރު ދޮގު ހަދާނެކަމަށެވެ. އަދި އެކަން ހުއްޓުވަންޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މިސްރާބުވަނީ ނުބައި މިސްރާބަކަށް ގެންގޮސްފައި ކަމަށާއި މިދާގޮތަށް މި ސަރުކާރު ހިނގަން ދޫކޮށްލައިފިނަމަ ރާއްޖެ ގޮސް ވެއްޓޭނެ އަނދަވަޅު އަންދާޒާކޮށްލަން ވެސް ނޭނގޭނެ ކަމަށެވެ.

"މިދާގޮތަށް މި ސަރުކާރު ދާން ދޫކޮށްލައިފިނަމަ އަޅުގަނޑުމެން ގޮސް ވެއްޓޭނީ ކޮން އަނދަވަޅަކަށްކަމެއް އަޅުގަނޑުމެން އެކަކަށް ވެސް މިވަގުތު އިހުސާސްވެސް ނުކުރެވޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިއަދުގެ ސަރުކާރުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ގޮންޖައްސަވާ ބަޔަކު ކަމަށާއި އެހެންކަމުން އެފަދަ ބަޔަކަށް މަޖިލިސް ދީފިނަމަ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ މި ސަރުކާރުން ގައުމުގެ މާލީ ހާލަތަށް ނުބަލާ ބޮޑެތި ޕްރޮޖެކްޓްތައް އިއުލާނު ކުރައްވާތީ އެކަމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން