ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރުންނާއި ސީދާ ސުވާލު ކުރެވޭގޮތަށް ރައީސް އޮފީހުން އިސްނަންގަވައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ހުކުރު ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ މި ފޯރަމްގައި ހުކުރުދުވަހުގެ ރޭ ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މި ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވާއިރު، ސީދާ ރައީސަށް ސުވާލު ހުށަހެޅުއްވޭނެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމަށާއި އެ ސުވާލުތަކަށް ވަގުތުން ރައީސް ޖަވާބު ދެއްވަވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ފޯރަމްގައި ރައީސަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޭ އެޗް ޖަހާފައި ހުސްތަންކޮޅެއް ދޫކުރުމަށްފަހު ސުވާލު ލިޔެ 300 އަށް މެސެޖުކުރުމަށް ރައީސް އޮފީހުންވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރިން ވަނީ އިއުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު މީގެ ކުރިން ވަނީ އިޢުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން