އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން
ރޯދަ މަހު ވޯޓުގެ ކަންކަމުގައި އުޅެން ރައްޔިތުން ބޭނުން ނުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރޯދަ މަހު ވޯޓުގެ ކަންކަމުގައި އުޅެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި އަދި ރަމަޟާންމަހު އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ސަލީމް ވިދާޅުވީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގޮތަށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާޙް ތަސްދީޤު ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. އެހެންނޫންނަމަ މަޖިލީސް އިންތިޚާބަކީ ރަމަޟާންމަހު ރައްޔިތުން އުފުލަންޖެހޭ ތަކުލީފަކަށް ވެގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުން ނޫން ބަސް ބުނަމުން ދަނިކޮށް މަޖުބޫރީ ހާލަތެއްގައި އިންތިހާބަށް ތައްޔާރުވާން ޖެހިފައި އޮތްތަން މި ފެންނަނީ." ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އީސީންވެސް ރައްޔިތުންގެ ޝުޢޫރުތަކަށް އިޙްތިރާމް ކުރަށްވައި ރަމަޟާންމަހުގެ ފަހުގެ ތާރީޚަކަށް އިންތިޚާބު ބަދަލު ކުރަށްވާނެކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ރަމަޟާން މަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ. ނަމަވެސް ޤާނޫނު މިހާރު އޮތްގޮތުން ރަމަޟާންމަހުގެ ފަހަށް އިންތިޚާބު ބަދަލުކުރެވޭނީ ޤާނޫނު އިސްލާޙު ކޮށްގެންކަމަށް އީސީން މަޢުލޫމާތުދެއެވެ.

މަޖިލިސް އިންތިހާބު މާރޗް މަހު 17 ގައި ބާއްވަން އީސީން ނިންމާފައި ވަނިކޮށް މިމަހުގެ 11 ވަނަ ދުވަހު އެމްޑީޕީން ވަނީ ރަމަޟާން މަސް ނިމުމަށްފަހު 10 ދުވަސް ފަހުން އިންތިޚާބު ބާއްވާގޮތަށް އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާޙް ގެނެސްފައެވެ. ނަމަވެސް އެ ޤާނޫނު ތަސްދީޤު ނުކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރައީސް މިމަހުގެ 27ގެ ކުރިން ބިލު ތަސްދީގު ނުކުރަށްވައި އަލުން މަޖިލީހަށް ފޮނުއްވައިފިނަމަ ކުރިން ފާސްކުރި ވަރަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ބިލު އަނެއްކާވެސް ފާސްކުރަށްވާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ ބިލެއް ތަސްދީގު ނުކޮށް ރައީސް ފުރަތަމަ ފަހަރަށް އަނބުރާ ފޮނުވާލާފައި ވަނިކޮށް މަޖިލީހުގެ އަޣުލަބިއްޔަތުން އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކޮށްފި ނަމަ އެ ބިލު ތަސްދީގު ކުރައްވަން ރައީސް އަށް މަޖުބޫރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން