ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ފުލެޓު ލިބޭކަމަށް ބުނެފައި އޮތް މީހަކަށް އޭނާގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޔަގީންކަން، އެމަނިކުފާނާ ސީދާ ސުވާލު ކުރެވޭގޮތަށް ކުރިއަށްގެންދާ އަހާ ފޯރަމްގައި މިރޭ އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިރޭގެ ފޯރަމްގައި އާންމުންކުރި އެންމެ ގިނަ ސުވާލުތައް އަމާޒުވީ ފުލެޓާއި ބޯހިޔާވަހިކަމުގެ މައްސަލައަށެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިނިވަންކަމާއި ސިޔާދަތާއި ގުޅުންހުރި ކަންކަމުގެ އިތުރަށް މި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެންމެފަހުން ސަރުކާރުން ދޫކުރި ފުލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ރައީސް މިރޭ ވިދާޅުވީ އޭސީސީގެ ލިސްޓު، މިނިވަން ރައްޔިތުންނަށް އިތުބާރު ކުރެވޭ ކޮމެޓީއަކުން ބަލައި މުރާޖަޢާ ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ގޯސްކޮށް މީހަކަށް ފްލެޓް ދީފައި އޮތްކަން އެނގިގެންދާނެ ކަމަށާއި ކޮމެޓީން ބަލާއިރު ފްލެޓް ލިބިފައި އޮތް މީހަކު ޝަރުތުހަމަނުވެ ފްލެޓް ނުލިބޭ މީހެއް ކަމަށް ކަނޑައެޅުނަސް އެ މީހެއްގެ ހައްގެއް ގެއްލުނަ ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިނިސްޓްރީގެ މުވައްޒަފުން ހަމައެކަނި ޗެކްކުރުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައި އޮތީ މުޖްތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ބޭފުޅުން ހިމެނޭ ކޮމެޓީއެއް އުފައްދައި އެ ކޮމެޓީން ބަލާ ލިސްޓް ފާސްކުރުމަށް ކަމަށް ވިދާޅުވެ އެއްވެސް މީހެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ، މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ބޭނުންވެ ނުލިބޭ މީހަކު ނުހުންނާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން