މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މަސްވެރިންނަށް މިހާތަނަށް 522 މިލިއަން ރުފިޔާ ދޫކޮށްފައިވާނޭކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިހަވަންދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ފަހިގޮތްތައް ހޯދައިދީ އެ ސިނާއަތް ފުޅާކުރުމަކީ ރައީސްގެ އަމާޒެއްކަމަށެވެ.

އެގޮތުން، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކުރުމަކީ ރައީސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަވަހަށް ކުރުމަށް އަމާޒުކުރި ކަންކަން ކަމަށާއި ނަމަވެސް އެކަންކަމަށް ހުރަހަކަށްވީ މިދިޔަ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ވައްޓާލާފައިވާ އަނދަވަޅުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރިކަން ފާހަގަ ކުރައްވާ ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން ވެސް އޭރު ވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އޮތީ ނުދީކަމަށެވެ.

އަދި މިހާރު ދިމާވެފައިވާ ހާލަތުގައި ރާއްޖޭގެ ހާލަތު އޮތްނަމަވެސް މަސްވެރީންނަށް ދޫކުރި ތެލާއި އައިސް އަދި ކިރުވި މަހަށް ނޮވެންބަރު 17 އިން ފެށިގެން މިހާތަނަށް 522 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް އަޅުގަނޑުމެން ހައްލު ކުރާނަން. ދިވެހިރާއްޖެ އަކީ ބޭރުގެ އިންވެސްޓަރުން އައިސް މަސްވެރި ސިނާއަތަށް އިންވެސްޓް ކުރާ ތަނަކަށް އިރާދަކުރެއްވިއްޔާ ހެދުމަށްޓަކައި މިފްކޯ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް މިހާރު ނުދީ ހުރި 180 މިލިއަން ރުފިޔާއެވެ. އެ ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދައްކާ ނިންމާނެކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން