ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފެންނާނެގޮތް ހެއްދެވި ސިޔާސީ ބޭފުޅެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް ޝަރީފް މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އުފެދުނު ރައްޔިތުންދެކެ އެންމެ ލޯބިވާ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. އެގޮތުން އެމަނިކުފާނު ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ވަރަށް ސާބިތުކަމާއެކު ދެއްވަމުން ގެންދިއުމަކީ އެކަމުގެ ހެއްކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭގެއިތުރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފެންނާނެގޮތަށް ދެއްކެވި ސިޔާސީ ބޭފުޅެއް ރައީސް ޑރ. މުއިއްޒު ނޫނީ ނެތް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ސިޔާސީ ބޭފުޅުން އާންމު ގޮތެއްގައި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ވަރަށް ފަސޭހައިން ކަނޑުގަ އަޅާ ރޮނގެއްހެން ހަނދާން ނެތޭ. އެކަމަކު ރައީސް މިކުރެއްވި ކަމަކީ، ކެމްޕޭން ދުވަސްވަރުގައި ދެއްކެވި ވާހަކަ ފޮތެއްގެ ސިފައިގައި އެއްހާސް ސަފްހާއަށްވުރެ ގިނަ ދެއްކެވި ވާހަކަފުޅުތައް، ސާފުކޮށް ރައްޔިތުންނަށް ފެންނާނެހެން ހުޅުވާލައްވާފަ ދެއްކެވީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިއަދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ގައުމު ޣަރަގުވެގެން ހިނގައިދާނެ ހިސާބުގައި ކަމަށެވެ. ނަމަވެސް އެކަމުންވެސް އަރައިގަނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިޤައުމު ތަރައްޤީ ކޮށްދެއްވާނެ ކަމަށް އާދަމް ޝަރީފް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން