ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ފަހުން ވެސް ރަސްމީ ދުވަހެއްގައި ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރުމުން އެކަން އެގޮތަށް ކުރަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނަށް ފޯރުވައިގެންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެންމެ ފުރަތަމަ ވެސް ރައީސް ގެންދެވީ ގަދަބަސް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހު ބޭއްވުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް ރަމަޟާން މަހު އިންތިހާބު ބޭއްވުން މަނާކުރާ ބިލް ތަސްދީގު ކުރެއްވި ނަމަވެސް، އަނެއްކާ ވެސް ފެނިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވި މަންޒަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަޖިލިސް އިންތިޚާބު ސަރުކާރު ބަންދުނޫން ދުވަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރައީސްގެ ނުފޫޒާއެކު ކަމަށް ރައީސް ޞާލިޙް ތުހުމަތުކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ގިނަ ބަޔަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ދިނުމަށްޓަކައި އަބަދު ވެސް ބޮޑެތި އިންތިހާބުތަކުގައި ވޯޓުލަނީ ބަންދު ދުވަހެއްގައި ކަމަށެވެ. އަދި ސަރުކާރުން އެ ކަންކަމުގައި މިހާރު ފޯރުވަމުންދާ ނުފޫޒުގައި ނުޖެހުމަށް ރައީސް ޞާލިހު ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

އަދި މި ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށާާއި އެހެންކަމުން އެފަދަ ބަޔަކަށް ރައްޔިތުންގެ މަޖިލީސް ދިނުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ޞާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން