ފެލިވަރު މަސްފިހާރަ
ފެލިވަރު މަސްފިހާރަ
މަސްވެރިންގެ އަތުން މަސް ގަންނަ އަގަށްވުރެ ބޮޑުއަގުގައި ބޭރުކުރާ ފުރަތަމަ މަސް ޝިޕްމަންޓް މިމަހު ބޭރުކުރެވޭނެ ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިކަން ހާމަކޮށްފައި ވާއިރު ކުރިން 17 ރުފިޔާއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ މަހުގެ އަގު 20 ރުފިޔާއަށް ދަށްކުރުމަށް ނިންމާފައެވެ.

ހަމައެއާއެކު ރާއްޖޭގެ ކަޅުބިލަ މަސް ދުނިޔޭގެ އަގުބޮޑު މާކެޓްތަކަށް ބޭރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޔޫރަޕަށް ބޭރުކުރާ މަހުގެ ފުރަތަމަ ޝިޕްމަންޓް މިމަހު އެކްސްޕޯޓް ކުރެވޭނެކަމަށް މިފްކޯއިން ވަނީ ލަފާކޮށްފައެވެ. އެކަމަށްޓަކައި 3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް މިމަހު ރާއްޖެއަށް ގެންނާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މިފްކޯއިން ބުނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރުމަށްޓަކައި ގެންނަ މި ބޯޓު ބަނދަރުކުރާނީ ކޫއްޑޫގައި ކަމަށެވެ. އަދި އެ ބޯޓުން މަސް ބޭރުކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ މާކެޓަކަށް ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.

ޔޫރަޕަށް މަސްބޭރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު ރާއްޖޭގެ މަހުގެ ކޮލިޓީ ހިފެހެއްޓުމުގައި ދިމާވާ މައްސަލަ ޙައްލުކޮށް އަގު ބޮޑުކޮށް މަސްވިއްކޭނެ ބާޒާރުތަކަށް މަސްބޭރުކުރުމަށް ސަރުކާރުން މިހާރު ވަނީ އަމާޒު ހިފާފައެވެ.

"އަޅުގަނޑުމެންގެ މަހަކީ ހަޤީޤަތުގައި ދުނިޔޭގައި ނަންބަރ ވަން. އެއީ ކޮލިޓީ އަށް ބެލިޔަސް، އަދި ބާނާގޮތަށް ބެލިޔަސް، އަދި ދެމެހެއްޓެނިވި ގޮތަށް ބެލިޔަސް، ދުނިޔޭގެ އެންމެ އަގުބޮޑު އެއް މަހަށްވާނެ ދިވެހިން ބާނާ މަސް." މިފްކޯގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ ވިދާޅުވިއެވެ.

މިފްކޯއިން ބުނީ ބޭރުގެ މާކެޓްތަކަށް ދިވެހިމަސް ވިއްކުމަށް މަސައްކަތް ކުރަމުންދާއިރު ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ހަމައެއާއެކު ވެލިއުއެޑްކޮށްގެން ގިނަ ޕްރޮޑަކްޓްތަކެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށާއި، ވެލިއުއެޑް ކުރުމުން އައިސްކުރި މަހަށްވުރެ މާ ރަނގަޅު އަގު ލިބިގެންދާނެ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. އޭގެ އިތުރުން އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ޑޮލްރުގެ ބާޒާރަށް ވެސް އިތުރު ފަސޭހަކަމެއް ލިބިިގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންގެ ކޯޕަރޭޓިވެއް އުފައްދައި އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހެދުމެވެ. ރައީސްގެ އެރިޔާސީ ވައުދު ފުއްދެވުމަށް މަގުފަހިކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް މުޅިން ވަކި ކުންފުންޏަކަށް މިފްކޯ ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން