އިބްރާހިމް ފަހީމް   5 މާރިޗު 2024 - 1:53
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ. އުނގޫފާރަށް ވަޑައިގެންފިއެވެ.

ރައީސް ޞާލިޙް އެ ރަށަށް ވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ނުކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ.

އެ ރަށަށް ވަޑައިގެން އެމަނިކުފާނުވަނީ، އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް ޝިޔާމަށް ކެމްޕޭން ކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކާއި ވާހަކަ ދައްކަވާ މަޝްވަރާތައް ކުރައްވާފައި ވެސް ވެއެވެ.

އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި މަޖިލީސް ކެމްޕޭނު ފަށާފައިވާއިރު، ރައީސް ޞާލިޙް މިއަދުވަނީ ރ. އިނގުރައިދޫއާއި ދުވާފަރަށް ވެސް ވަޑައިގެންފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވަނީ ބ. އަތޮޅުގައި ކެމްޕޭން ހަރަކާތްތައް ވެސް ކުރިއަށް ގެންދަވާފައެވެ. އަދި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ކުޅުދުއްފުށި ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން