އެކިކަހަލަ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަތައް އަލުން ބަލާ އޭގެ ތެރޭގައި ދޫދެވެން ތިބި މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހޯމް ލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މުއައްސަސާތައް ހިމެނޭހެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އެކި މައްސަލަތަކުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި މުޖުތަމައަށް ގެއްލުމެއް ނުވާނެކަމަށް ބެލެވޭ މީހުން ތިބިނަމަ އެ މީހުންގެ މައްސަލަތައް ބަލާ އެ ފަރާތްތައް ބަންދުން ދޫކޮށްލުމުގެ މަސައްކަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާކަމަށެވެ.

އެހެންކަމުން، އެފަދަ މީހުންގެ މައްސަލަތައް ރިވިއުކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކޯޓުތަކާއިއެކު ގުޅިގެން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބީ ހާއްސަކޮށް ބޮޑެތި މާރަމާރީތަކާއި ޓެރަރިޒަމްގެ ކުށަށް ތުހުމަތު ކުރެވޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ހައްޔަރު ކޮށްފައި ތިބި މީހުން ކަމަށެވެ.

ވާނުވާގައި މީހުން ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބާ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދާކަން ރައީސް މި އަހަރު ހުށަހެޅުއްވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން