ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ބިލްގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މި ބިލް މަޖިލީހަށް ފޮނުއްވުމަށްފަހު ސިޔާޖު ވިދާޅުވީ، މިބިލުގެ ސަބަބުން ސޯޝަލް ހައުސިންގ މިންގަނޑުތަކާއި، ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި ސޯޝަލް ހައުސިންގ ބޭނުންކުރުމުގެ ޝަރުތުތައް ކަނޑައެޅިގެން ދާނެކަމަށެވެ. އަދި މިބިލާއެކު ސޯޝަލް ހައުސިންގެ ޝަކުވާތަކަށް ހައްލު ލިބިގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުމުގެ މަގުސަދުގެ ގޮތުގައި ބިލުގައި ބުނެފައިވަނީ، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ދިވެހި ރައްޔިތުންނަށާއި އާއިލާތަކަށް، ދެފުށްފެންނަ ޖަވާބުދާރީ ކުރުވަނިވި ނިޒާމެއްގެ ދަށުން އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން، މި ބިލުން، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދިރިއުޅެން އެކަށީގެންވާ ތަންތަން ހަމަޖައްސައިދިނުމަށްޓަކައި ސޯޝަލް ހައުސިންގ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތަކާއި ހަމަތައް އެކަށައެޅޭނެ ކަމަށާއި، އޭގެ އިތުރުން ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްގީ ކުރެވޭ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި މިންގަނޑުތައް އެކަށައެޅޭނެ ކަމަށް ބުނެފައިވެއެވެ.

އަދި މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ބެނެފިޓް ދިނުމާގުޅޭ އުސޫލުތަކާއި ހަމަތައްވެސް މި ބިލުގެ ޒަރިއްޔާއިން އެކަށައެޅިގެން ދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ އެކަކު ވެސް ނުހުންނާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން