ރިޔާސީ އިންތިހާބުގައި ގޯހެއް ހެދިއްޖެ ކަމަށް ރައްޔިތުން ގަބޫލުކުރެވިއްޖެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ މާލޭގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް މިރޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގޯހެއް ހެދިއްޖެކަން ރައްޔިތުން މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ.

މަޖިލިސް ކެމްޕޭނަށް ކުރި ދަތުރުތަކުން އެނގިވަޑައިގަތީ ހެދުނު ގޯހުން ސަލާމަތްވާން ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ކަމަށް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް މިރޭ ވެސް ވިދާޅުވީ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން ރައްޔިތުންނަށް އޮަޅުވާލައިގެން ކަމަށެވެ. އަދި މި ސަރުކާރަށް ފުރުސަތު ދިން ވަރަކަށް އަދިވެސް ހަދާނީ ދޮގު ކަމަށާއި ސަރުކާރުން މިހާރު ކައިރީގައި ތިއްބެވި ބޭފުޅުން ލައްވާ ވެސް ދޮގު ހަދަން ފަށާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަަސް ކުރާ މަސައްކަތުގައި މަޖިލީހުގައި ތިބެން ވާނީ ކެރިގެން މި ކަންކަމާ ކުރިމަތިލާން ކެރޭ ބޭފުޅުން ކަމަށެވެ.

"ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކާ ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނުނިކުންނަ ކަމަށްވާނަމަ ދެން ކުރަންޖެހޭ ކަންތައްތައް ވެސް މަޖިލީހުގެ ތެރެއިން ކުރެވޭ ވަރުގެ ހިތްވަރު ހުރި ބޭފުޅުންނަށް މެމްބަރުން ވާންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން