ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވޯޓްލުމުގެ ޙައްގު ލިބިގެންވާ މީހުން ރީރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 14 އިން 17 އަށް ކަމަށެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ ރީ ރަޖިސްޓްރީކުރަން މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލުމަށްފަހު މި މަހުގެ 16 ވަނަ ދުވަހު ރީރެޖިސްޓްރޭޝަންގެ ފުރުސަތު ބަންދު ކުރުމަށެވެ. މިގޮތަށް ހަމަޖެއްސީ ޢާއްމުންނަށް އިތުރު ވަގުތު ދިނުމަށްކަމަށް އީސީން ވަނީ ބުނެފައެވެ.

މިމުއްދަތުގައި ރީރަޖިސްޓްރޭޝަނަށް އަންނަަ ބަދަލާ ގުޅިގެން ރާއްޖޭން ބޭރުގަ އާއި ރިސޯޓްތަކުގައި އިތުރު ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައި ކަމަށެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ 150 އަށް ވުރެ ގިނަދިވެހިން އެ ގައުމެެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުންނެވެ.

އީސީން ބުނީ މަޖިލިސް އިންތިހާބު އޭފްރީން އެކާވީހަށް ފަސްކުރުމާ ގުޅިގެން 560 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާ ކަމަށެވެ. މިބަދަލާއެކު މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،887 މީހުންނަށް ވަނީ އިތުރުވެފައެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓާސް ލިސްޓް މާދަމާ އާންމުކުރި ނަމަވެސް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވޯޓުލުމުގެ ހައްގު އަލަށް ލިބުނު 560 މީހުންގެ ލިސްޓަށެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިއަދުގެ ނިޔަލަށެވެ.

މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ، މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން