ރަސްމާލެ މަޝްރޫޢު އިފްތިތާޙު ކުރުން
ރަސްމާލެ މަޝްރޫޢު އިފްތިތާޙު ކުރުން
ރަސްމާލެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ ރަސްމާލެ ތަރައްޤީ ކުރަނީ އެކޯސިޓީއެއް ގޮތަށް ކަމަށްވާތީ، އެމަސައްކަތަށް ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއް ހަޔާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ބޭރުގެ ކޮންސަލްޓަންޓުގެ މަސައްކަތަކީ ރަސްމާލެ އެކޯސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާ ދިރާސާތަކާއި ތަހުލީލުތައް ކުރުން ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

"ރަށުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައިވެސް އެތަނަކީ އެންވަޔަރަމަންޓް ފްރެންޑްލީ ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ." ޑރ. ހައިދަރު ވިދާޅުވިއެވެ.

މާލެއަތޮޅު ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ "ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފުށިދިއްގަރު ފަޅުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކާއިރު އެ ތަނުން 60 ހެކްޓަރު ލަންކާގެ ކުންފުންޏަށް ދިގު މުއްދަތަކަށް ލިބޭނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުުގައި އެ ފަޅު ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން ލިބޭނެ އެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ.

ރަސްމާލެއާ މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ސަރުކާރުން ދާދި ފަހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން