މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް (ކ) އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު (ވ)
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް (ކ) އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު (ވ)
ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަޒީރަކު މާރާމާރީއަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިމޭރުމުން ބުނެފައި މިވަނީ، ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ދިއްގަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މަޖިލީސް މެންބަރުންނަށް ރައްދުވާގޮތަށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެޖަލްސާގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި، އެހެންކަމުން މިއަދުވެސް މަޖިލީހުގައި ހުންނެވިނަމަ، މެމްބަރުންގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވޭނެބާއޭ ހިތަށް އަރާކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ޢާއްމު ކުރި ބަޔާނެއްގައި މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ، ވަޒީރު އާދަމް ޝަރީފްގެ އެ ވާހަކަފުޅަކީ، ވަޒީރަކު ވިދާޅުވުމަށް އެކަށީގެން ނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ހުރަސް އެޅިދާނެފަދަ ވާހަކަފުޅެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވީހިނދު ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ކަންބޮޑުވާ ކަމެއްކަމަށް މަޖިލީހުގެ ބަޔާނުގައިވެއެވެ.

"މަޖިލީހުގެ މެންބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަޒީރަކު އެގޮތަށް ވާހަކަދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަށްވައެވެ." މަޖިލީހުން ބުނެފައިވެއެވެ.

މަޖިލީހުގެ ބަޔާނުގައި ވަނީ އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށާއި، މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

އާދަމް ޝަރީފްގެ ވާހަކަފުޅާ ގުޅިގެން، މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވަނީ އާދަމް ޝަރީފްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް އާދަމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށާއި، އެކަމުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމަވާ ގޮތަކަށް ޢަމަލު ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ، ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން "ދަތްދޮޅި" އެ ބަސް ބޭނުންކުރެއްވީ އެއްގޮތަކަށްވެސް މާރާމާރީއަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަޅުގަނޑާ ގުޅުވައިގެން ކިޔާ އެއްޗަކަށް ވާތީ، ހިއުމާއަށް، މެޓަފޯއަކަށް ބޭނުން ކުރެވުނީ. އެހެން ގޮތަކަށް ވިސްނިވަޑައިގަންނަވާ ނަމަ މައާފަށް އެދެން" އާދަމް ޝަރީފް ވިދާޅުވިއެވެ.

މެމްބަރުންގެ "ދަތްދޮޅި ދުއްވާލާ" ވާހަކަ މިނިސްޓަރު އާދަމް ޝަރީފް ދައްކަވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް އާދަމް ޝަރީފް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަަކަތަކެއް ދައްކަވާފައިވާ އޯޑިއެއް ލީކުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން