ރޯދަމަހުގެ ތެރޭގައި މަޖިލިސް ކެމްޕޭން ވާދައިގެ ތެރޭގައި ވެސް އެކަކު އަނެކަކަށް ހަގީގަތާއި ހިލާފަށް ދޮގު ބަސްތައް ރައްދު ނުކޮށް ކެމްޕޭނު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

ޅ. ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރަށްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރޯދަ މަހަކީ ތަގުވާވެރިކަން އިތުރު ކުރުމަށް މާތްﷲ ދެއްވާ ފުރުސަތެއް ކަމަށެވެ. އަދި ރޯދަ މަހަކީ ދިވެހިންގެ ތެރޭގައި އޮންނަންވީ މާތް އަހުލާގާއި ރިވެތި ގޮތްތައް އަށަގެންނެވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ރޯދަ މަހަކީ ދޮގު ހެދުމާއި ފުރައްސާރަ ކުރުމާއި މީހުންނަށް ދެރަ، ހަގީގަތެއް ނެތް ކަންކަން ކުރިމަތި ކުރުމުން ދުރުވެ އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ވާން ލިބޭ ފުރުސަތެއްކަން ރައީސް ފާހަަގަކުރެއްވިއެެވެ.

ރައީސް ވިދާޅުވީ ކާކު ހިންގާ ވެބްސައިޓުތަކެއްކަން ނޭނގޭ އެތައް ވެބްސައިޓުތަކެއްގައި ހަގީގަތާ ހިލާފު ވާހަކަތައް ލިޔަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވަނީ އެއްވެސް ހާލެއްގައި ހާއްސަކޮށް ރޯދަމަހު ދޮގަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ރޯދަ މަހުގެ ތެރޭގައި ތަގުވާވެރިކަން އިސްކޮށް ރީތި ގުޅުން ގާއިމުކޮށް އޯގާތެރި މުޖުތަމައުއެއް ބިނާކުރަން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން