ރަށްރަށުގެ ތަރައްގީގެ ކަންކަން ހިންގުމަށް ދިމާވާ ދަތިކަމަކީ ބަޖެޓުގައި ފައިސާ ނެތުންކަމަށް މި ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ވިދާޅުވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ފެންނަންހުރި މަދު މައުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރާއި އަޅާބަލާއިރު މި ސަރުކާރުން މުސާރައަށް 270 އާއި 300 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ސިޔާސީ މަގާމުތަކަށް އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި ތަރައްގީގެ ކަންކަން ކުރުމަށް ބަޖެޓުގައި ފައިސާ ނެތްކަމަށް ބުނަނީ އެހެންވެގެންކަމަށް ވެސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ ނިމުނުއިރު ހަރަދު ކޮށްފައިވާނީ 1.9 ބިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ދެމަހު 2.1 ބިލިއަން ރުފިޔާ މުސާރައަށް ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"އެ ތިންސަތޭކަ މިލިއަން ރުފިޔާ ހިފައިގެން މި ތަނުގައި އެއަރޕޯޓުއަޅަން އަންނަންވީނުންތޯ؟ މަސައްކަތް ފަށައިގަނެވޭނެ. ހިއްކޭނެ. އެހެންނަމަވެސް ވިސްނުމެއް ނެތި ދައްކަވާ ވާހަކަތަކެއް. އެހެންކަމުން މި ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީގެ މެންބަރުން އެބަޖެހޭ މަޖިލީހުގައި ތިބެން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ޖަލްސާގައި ވެސް ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ މުހިންމުކަމާމެދު ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުން ދަނީ ކަންކަމުގައި ދޮގުހަދާ އޮޅުވާލަމުންކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން މިއަދު ވެސްވަނީ ތަކުރާރު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން