ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ މިހާރުން މިހާރަށްވެސް ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، މ.ނާލާފުށީ، މަތަރެސްމާގޭ، މޫސާ ޞާބިރު ސުވާލު ކޮށްފައި ވަނީ ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއިމެދު ރައީސްގެ ވިސްނުންފުޅު ހުރި ގޮތަކާ ބެހޭގޮތުންނެވެ.

ޞާބިރު ބުނެފައި ވަނީ، އޭނާ އަކީ ޑިގްރީ ނަގައިގެން ކައުންސިލްގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އެހެން ނަމަވެސް މުސާރައިގެ ގޮތުގައި އޯޓީއާއެކު ގެއަށް ގެންދަން ލިބެނީ 8000 ރުފިޔާ ކަމަށާއި، ނަމަވެސް ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތު މީހުންނަަށްވެސް އެއަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށެވެ.

އެހެންކަމުން ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެންނަން ރައީސްގެ ވިސްނުންފުޅު އެބަހުރިތޯ ޞާބިރު ސުވާލު ކުރިއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ގާނޫނުގެ ތެރެއިން، ކައުންސިލްތައް ކެޓަރައިޒް ކޮށްފަ ހުންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށެވެ. އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޮތް މައިގަނޑު ހުރަހަކީ އެއީ ކަމަށެވެ.

"ސަރުކާރުން، ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް އެކަމެއް ނުއެއް ކުރެވޭ، ކެޓަގަރައިޒް ކޮށްފަ އޮންނަ ގޮތުން. ޖުމްލަކޮށް ހުރިހާ މުއައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ގޮތަކުން، އިގްތިސޯދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނީ" ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ އިދާރި މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.

މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް، މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރެވިގެން ނޫނީ އެ މުސާރައަށް ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މުވައްޒަރުންގެ މުސާރަވެސް ބޮޑުކުރަން ބޭނުންފުޅުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން