ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ނެގޭ މަންޒަރު ނުފެންނަ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުން ސަރުކާރާ ވަރަށް ބޮޑަށް ދުރަށް ޖެހިފައިވާ ކަމަށާއި މިއީ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގައި ސަރުކާރަކާމެދު ރައްޔިތުން ނުރުހުންވި ފުރަތަމަ ފަހަރު ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީންގެ ފޮޓޯ ދައްކައިގެންކަން ފާހަގަ ކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވީ ސަރުކާރެއް އޮތްކަމުގެ އިހުސާސް އާންމު ރައްޔިތުންނަށް ނުކުރެވޭ ކަމަށާއި އޭގެ ނަތީޖާ، މަޖިލިސް އިންތިހާބުގައި ފެންނާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާއިރު، ޕީއެންސީގެ 90 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަށްވައެވެ.

“ނުފެނޭ ޕީއެންސީއަށް މާގިނަ ގޮނޑިތަކެއް ނެގޭ ތަނެއް، މެޖޯރިޓީ ލިބޭ ތަނެއް، އަޅުގަނޑަށް ފެންނަނީ ހަމަ ބޮޑު ތަނުން އެމްޑީޕީން މި ނަގާ ތަން.” ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލުނީ ރައީސް ޔާމީން މިނިވަން ކުރާނެކަމަށް ބުނެ ވޯޓު ހޯދައިގެން ވެރިކަމަށް އައުމަށްފަހު ބަހާއި ޢަމަލު ދިމާނުވުމުގެ ސަބަބުން ކަމަށެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިވާއިރު، މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށްވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތައް މިހާ ދުވަސްވެ، ހުއްޓިފައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ނިޒާމަށް ނޯންނާނެކަމަށާއި، މި ސަރުކާރު ފެށުނު ދުވަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން