ގާނޫނުއަސާސީން ލިބިދީފައިނުވާ ބާރެއް މަޖިލީހުގެ މެމްބަރުންނަށްވެސް ލިބިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެންބަރު ޝަރީފް ވިދާޅުވީ ގާނޫނުއަސާސީއަށް ތަބާވާން ނުޖެހޭކަމަށް ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ދެކިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މަޖިލީހަށްވެސް ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީގެ އިމުގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިއަދު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަން ގަބޫލުނުކުރެއްވޭކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. އޭގެ އިތުރުން މަޖިލީހަށްވެސް ގާނޫނުއަސާސީ އާއި ހިލާފު ގާނޫނެއް އަދި ގަވައިދެއްވެސް ނުހެދޭނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 49 ގައި ކުރިން ހިމެނުނު މާއްދާތަކަކީ ގާނޫނު އަސާސީ 278 ރޫހާ ހިލާފު މާއްދާތަކެއް ކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާއިރު، އޭގެ ފަހުން މަޖިލީހުގެ 242 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަފްހޫމަކީވެސް އެއް ނަތީޖާއެއް ކަމަށެވެ.

އެހެންކަމުން އެމާއްދާއަށް ޢަމަލުކުރެވެން ނެތްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ޤަވާއިދަށް ބަދަލެއް ގެންނަން ޖެހޭކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން