ސަރުކާރުން ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި 161 ވައުދުގެ ތެރެއިން، ހުރިހާ ވައުދެއްހެން ފުއްދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން މިހާރު ފުއްދިފައިވާ ވަޢުދުގެ އިންސައްތަ އޮޅުންފިލުވުމަށް ޢާއްމު ރައްޔިތަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދަކީވެސް ފުއްދުމުގެ ނިޔަތުގައި ވީވައުދުތަކެއްކަމަށާއި، މަސައްކަތްތައްވެސް ބައްޓަން ކުރެވިފައިވަނީ އެމަގުން ކަމަށެވެ.

އެގޮތުން ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި 161 ވައުދުގެ ތެރެއިން، ހުރިހާ ވައުދެއްހެން މިހާރު ފުއްދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުނިމި އޮތް 6 ވައުދެއްގެ މަސައްކަތްވެސް ނިމުމުގެ މަގުމަތީގައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 161 ވައުދުގެ ތެރެއިން 155 އަށް ވުރެ ގިނަ ވައުދު ވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ހާސިލްކުރެވިފައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް، ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ.

އަދި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކޮށްދެއްވަމުންކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން