އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)
އެމްޑީޕީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުޅުއްވީ ޙަސަންޓޭ ނޫން ގޮތެއް ހޯދުމަށް ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެމްޑީޕީގެ ލީޑަރޝިޕަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "އެންޓި-ޑިފެކްޝަން ބިލު"ގެ ބަހުސްގައި ޙަސަންޓޭ ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ބަދަލުވެ ވަޑައިގެންނެވީ އޭނާ ނޫން ގޮތެއް ހޯއްދެވުމަށް ޕާޓީގެ ލީޑަރ އެމްޑީޕީގެ ވިލަރެސް ކޮމިޓީއަށް އެންގެވުމުން ކަމަށެވެ.

އެމްޑީޕީން ހުށައަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ތާޢީދު ކުރަށްވާކަން ހާމަކުރަށްވަމުން ޙަސަންޓޭ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި އޭނާގެ އަތޮޅާއި ދާއިރާ އާއި ރައްޔިތުން ދޫކޮށްލާނެ މީހެއް ނޫން ކަމަށެވެ. އަދި ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ނަމަވެސް ޕާޓީއެއްގެ ރައީސެއްގެ ތާއިދަށް ވުރެ އޭނާއަށް މުހިންމީ ރައްޔިތުންގެ ތާޢީދު ކަމަށް ޙަސަންޓޭ ވިދާޅުވިއެވެ.

"އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރި ޕާޓީ ބަދަލުކުރީ އެ ޕާޓީގެ ލީޑަރު އަޅުގަނޑު ބަލައިނުގަނެ، އަޅުގަނޑު ނޫން ގޮތެއް ހޯދަން ވިލަރެސް ކޮމެޓީގައި ވިދާޅުވެފައި އޮތީމަ. އެކަން ރާއްޖޭގެ ރައްޔިތުންނަށާއި އަޅުގަނޑު ދާއިރާގެ ލޮބުވެތި މެމްބަރުންނަށް ދަންނަވާލަން." ހަސަންޓޭ އަސަރާއެކު މިއަދު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު ޕީއެންސީއަށް ސޮއި ކުރެއްވި ޙަސަންޓޭ މިއަދު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލު ފާސްކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

އެންޑީޕީން އެންޓި-ޑިފެކްޝަން ބިލު މަޖިލީހަށް ހުށައަޅާފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ އެންޓި ޑިފެކްޝަން ޤާނޫނު މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން