ކުރީގެ ރައީސް ޔާމީން (މ)
ކުރީގެ ރައީސް ޔާމީން (މ)
ޕެރޯލްގެ ޤާނޫނާ ޚިލާފުވެފައިވާތީ ކުރީގެ ރައީސް ޔާމީންނަށް ދީފައިވާ ލުއިތައް ރިވިއު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.

ކަރެކްޝަނާ ޙަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވަނީ ރައީސް ޔާމީން މަޖިލީސް އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޕެރޯލް ޤާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން ރައީސް ޔާމީނަށް މިހާރު ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައިވަނީ އެމަނިކުފާނުގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ކެމްޕޭން ޙަރަކާތެއްގައެވެ. ޕެރޯލް ޤާނޫނުގައިވާގޮތުން ޙުކުމް ތަންފީޛު ކުރަމުންދާ ފަރާތްތަކުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެކެވެ.

ސިޔާސީ ޙަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމާ ގުޅިގެން ކަރެކްޝަނުން ބުނެފައިވަނީ ރައީސް ޔާމީން އެ ޙަރަކާތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ކުރިން އެންގުމަކާ ނުލައި ކަމަށެވެ. އަދި ތަކުރާރުކޮށް ރައީސް ޔާމީން ކަރެކްޝަންސްގެ އުސޫލުތަކާ ޚިލާފުވެފައިވާތީ އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއުކުރަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޔާމީން ރަށު ބަންދަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ކަރެކްޝަނަށް އެންގެވުމަށްފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް އޮކްޓޯބަރު 28 ވަނަ ދުވަހު އެމަނިކުފާނަށް ލުއިތަކެއް ދީފައިވަނީ ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ވަޑައިގަތުމަށާއި ކަސްރަތު ކުރެއްވުމަށެވެ.

ލަތީފްގެ ކެމްޕޭން ހަރަކާތުގައި ޔާމިން ބައިވެރިވެވަޑައިގަތަސް އެމަނިކުފާނު ޕޯޑިއަމްގައި ވާހަކަފުޅެއް ނުދައްކަވައެވެ. އެހެން ނަމަވެސް ސަޕޯޓަރުންނާއި ބައްދަލުކުރަށްވައި ޔާމިން ވާހަކަފުޅު ދައްކަވައި ހެއްދެވިއެވެ. ޔާމިންގެ އިތުރުން އެމަނިކުފާނުގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޔާމިންގެ ދަރިކަލުން އަދި ޕީއެންއެފްގެ މުއައްސިސް ޒޭން ވެސް އެ ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިވަގުތު 11 އަހަރުގެ ޖަލު ޙުކުމެއްގައި ރައީސް ޔާމީން ހުންނެވި ނަމަވެސް އެމަނިކުފާނު ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭބަންދުގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން