އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭން
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭން
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭންގެ ފޮޓޯ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އާއްމު ކުރަށްވައިފިއެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށާނީ މިމަހު 15 ގައި ކަމަށް އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިއަދު ރައީސް ޑރ. މުޢިއްޒުވަނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭންގެ ފޮޓޯ މީސްމީޑިއާއަށް ދޫކޮށްލަށްވާފައެވެ. އަދި އެކަމާބެހޭ ގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ ޑޭޝް-8 ގެ ބޯޓަކާއި ސީ ޕްލޭނެވެ.

ފޮޓޯއިން ފެންނަގޮތުގައި ސީޕްލޭންގައިވެސް ބޭނުންކޮށްފައިވަނީ މިހާރު ބޭނުންކުރާ ޑޭޝް 8 މަރުކާގެ އެއަރ އެމްބިއުލާންސްގައި ބޭނުންކޮށްފައިވާ ޑިޒައިނެވެ. ނަމަވެސް ސީޕްލޭންގެ އެތެރެ ޢާއްމުކޮށްފައެއް ނުވެއެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި އެއަރޕޯޓެއް ނެތް ކަމަށާއި އެހެންކަމުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ވަށާޖެހޭ ގޮތަކަށް ދިނުމަށްޓަކައި އެޚިދުމަތުގައި ސީޕްލޭން ބޭނުން ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ އިތުރުން މިހާރުވެސް ކޮންމެހެން ބޭނުންޖެހޭ ޙާލަތުގައި ސްޓެރެޗަރ ޖަހައިގެން ސީޕްލޭންގައި ބަލި މީހުން އުފުލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާއެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.

މިއަހަރުގެ މާރޗް ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު މާރޗް ދެވަނަ ދުވަހު ކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ.



އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް-8ގެ މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެނީ ހެލްތު މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން