ވަޒީފާއިން ވަކިވާ ފަރާތްތަކަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ޤާނޫނު އިސްލާޙުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ފާޠިމަތު ޙަސަން މަނިކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަން ހަމަޖެއްސޭނީ މަޖިލީހުގެ ތެރެއިން ޤާނޫނު އިސްލާހު ކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން ފައިސާއަކީ ވަކި ޤާނޫނެއްގެ ދަށުން ނެގޭ އެއްޗެއް ކަމަށާއި އެހެން ކަމުން ސަރުކާރަށް އެކަމަށް ބަދަލެއް ގެނެވޭނީ ޤާނޫނު އިސްލާޙު ކޮށްގެން ކަމަށެވެ.

“އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަންވެސް އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަންވެސް.” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ތެރެއިން އެފަދަ ބަދަލުތައް ގެނެވޭނެ ގޮތަށް މަގުފަހިކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.



ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އަދި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފަންޑުގެ ގާނޫނު އޮންނަ ގޮތުން އާންމުންނަށް އެންމެ ރަނގަޅަށް ފައިދާ ނުކުރާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އޭރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންކުރުމުގެ އިތުރުން، އެހެން ކަންކަމަށްވެސް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން