ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތުގެ އަސްކަރީ ޑްރޯން ނުވަތަ އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ގައި ދިވެހިން ނަން ލިޔެފައި އޮތުމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް، ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫނަށް ޝުކުރު އަދާކޮށްފިއެވެ.

ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް އިފްތިތާހު ކޮށްފައި ވަނީ ރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ވަނީ ރާއްޖެއަށް އަސްކަރީ ދެ ޑްރޯން ގެނެސްފައެެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގަނެގެން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.

ޑްރޯންގައި 'ދިވެހިރާއްޖެ' ލިޔެފައި ވަނީ ތާނަ އަކުރުންނެވެ.

އެކަމާ ގުޅިގެން އާދަމް ނަސީރު ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހި ތާނަ އަކުރު އާ އުދަރެސްތަކަކަށް ދިޔައީ ކަމަށެވެ. އަދި ދިވެހީންގެ ސަލާމަތާ ގުޅޭ މިފަދަ އުޅަނދެއްގައި ދިވެހީންގެ އަމިއްލަ ގައުމީ ބަހުން، އަމިއްލަ ތާނަ އަކުރުން، އަމިއްލަ ދިވެހި ރާއްޖޭގެ ނަން ފަވައިލައިފައިވަނިކޮށް ފެނުމުން ހިތުގައި އުފެދެނީ ވަރަށް އުފާވެރި ފަޚްރުވެރި އަދި ޝުކުރުވެރި ޝުޢޫރުތަކެއް ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

"‏ޢިއްޒަތްތެރި ދިފާޢީ ވަޒީރު ޣައްސާން!!، ރާއްޖޭގެ ސަލާމަތް ބަލަހައްޓާ ވައިގެ އުޅަނދުތަކުގައި ތާނައިން ދިވެހިރާއްޖޭގެ ނަން ލިޔުއްވައިފައި އޮތުމުން ވަރަށް އުފާވި އިނގޭތޯ! ތިޔަ ޢަމަލުކުރެއްވީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ ރޫޙާ އެއް ގޮތަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" އާދަމް ނަސީރު ވިދާޅުވިއެވެ.

މީގެ ކުރިން، އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭންގެ ފޮޓޯ އާއްމު ކުރުމާއެކު، އޭގައި ތާނައިން ނަން ލިޔެފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން