ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
ރާއްޖޭން ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކުވެއިތު ފަންޑުގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ހަމަޖެއްސި ފަންޑް ކެންސަލްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި ފަންޑު އަނބުރާ ގެންދިޔައީ މަޝްރޫއު އެވޯޑްކުރުމުގެ މަރުހަލާ ވަކި ގޮތަކަށް ކުރިއަށް ގެންދަން ރާއްޖޭން ބޭނުންވުމުން ކަމަށެވެ.

"ވަކި ގޮތަކަށް ރާއްޖޭން އޭރުގައި އެވޯޑްކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ބޭނުންވީމަ ކުވެއިތު ފަންޑުން އެކަން ވަނީ ހުއްޓާލާފަ. އެހެންވީމަ ކުވެއިތު ފަންޑުގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކުރިއަށްދިޔަ ކަމަކަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ހަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ އިންޓަނޭޝަނަލް ފަންޑިން އެޖެންސީތަކަކީ އެ އެޖެންސީތަކުން ކަނޑައަޅާފައި ހުންނަ ވަކި އުސޫލުގެ ތެރެއިން ޕްރޮކިއުމަންޓް ހަދަންޖެހޭ އެޖެންސީތަކެއް ކަމަށެވެ.

ކުވެއިތު ފަންޑުގެ އެހީގައި އަޅަން ނިންމި ހޮސްޕިޓަލްތަކުގެ މަޢުލޫމާތު ޙިއްސާކުރަށްވަމުން މިނިސްޓަރ ހަލީލް އިތުރަށް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭތޯ ސަރުކާރުން މިހާރުދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެމައްސަލާގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށާއި ކުރީގެ ސަރުކާރުން މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް/ ދިން ފަންޑެއް އަނބުރާ ގެންގޮސްފައިނުވާ ކަމަށެވެ.

ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރި މި މަޝްރޫޢުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހުނު ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން