ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި ލ. ގަމުގައި އަޅަނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް ކަމަށް ހެލްތު މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމާފައިވަނީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައެވެ. ކެންސަރ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެން ދާނެކަމަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރައީސް ޞާލިޙްގެ ސަރުކާރުން އިޢުލާނުކުރި ނަމަވެސް ވެރިކަން ނިމުނުއިރުވެސް އެވަޢުދު އެއްވެސް ވަރަކަށް ފުއްދައި ދެވިފައެއް ނުވެއެވެ.

އޭގެފަހުން މި ސަރުކާރުން މިހާރު ވަނީ ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައެވެ. ނަމަވެސް ޑރ. ޚަލީލް މިއަދު ވިދާޅުވީ ގަމުގައި އަޅަން ހަމަޖެހުނު ހޮސްޕިޓަލް މާލެއަށް ބަދަލު ނުކުރާ ކަމަށެވެ.

“އެންމެ އެކަށީގެންވާ ގޮތެއްގައި އެތަނުގައި ހިދުމަތް ދެވޭނެ ހޮސްޕިޓަލެއް އެޅުމަށްޓަކައި އެ ފަންޑިން ވަނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރަން ބަދަލުކުރެވިގެން ގޮސްފައި.” ޑރ. ޚަލީލް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް ހަމަޖައްސާފައިވާ ފައިސާ ބޭނުން ކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ކަމަށެވެ.

އަދި މާލޭގައި ބިނާކުރަމުންދަނީ މުޅިން އާ ފަންޑަކުން ހަމަޖެހިފައިވާ ކެންސަރ ހޮސްޕިޓަލެއް ކަމަށާއި އެގޮތުން ކެންސަރު ހޮސްޕިޓަލް މާލޭގައި އަޅަން ނިންމީ ޓާޝަރީ ފަރުވާ ލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާ އަދި ދިރާގު ބިތްދޮށުގައި އޮންނަ ޕާކިން ޒޯނު އެއްކޮށްލައިގެންނެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަކަށް ގަމު ހޮސްޕިޓަލް ބަދަލު ކުރުމަށް ހަދަން ޖެހޭ ޕްލޭންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުންވަނީ ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޖުލައި 16، 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ލ. ގަމުގައި އަޅަން ހަމަޖެއްސި ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ލ ގަމު ދާއިރާގެ މަޖިލީސް މެމްބަރ މުހައްމަދު ވިސާމް ދާދިފަހުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން