ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުން އެ އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ލިޔާ ސިޓީގައި ޖެހުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން