މާލޭގެ ފެނުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީނު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަތީނު ވިދާޅުވީ، މާލޭގެ ފެނުގެ ކެޕޭސިޓީއަކީ އިސްކަމެއް ދީގެން ބަލަހައްޓާ އިތުރުކުރަންޖެހޭ ކަމެއްކަމަށެވެ. ހާއްސަކޮށް ނުވިސްނާ ތައްޔާރުނުވެ ތިއްބާ ދިމާވެދާނެކަމަކުން ރައްކާތެރިވުމަށް އެކަމަކީ ވަރަށް ބޮޑު އިސްކަމެއް މި ސަރުކާރުން ދޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މަތީނު ވިދާޅުވީ، ބްރިޖު މެދުވެރިކޮށް މާލެއާ ހުޅުމާލެއާއި ދެމެދު ފެނުގެ ހިދުމަތް ގުޅުވާލުމަށް 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން ފަށާފައިވާ މަސައްކަތް އަދިވެސް އޮތީ ނުނިމި ކަމަށެވެ. އެގޮތުން އޭރު ހޮޅި އަޅާފައި އޮތްނަމަވެސް ފާއިތުވި 5 އަހަރު ނިމިގެން ދިޔައިރު އެ ހޮޅި އޮތީ އަދިވެސް ގުޅާނުލާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވީ މާލޭގެ ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް އޮތީ ހުއްޓިފައި ކަމަށާއި ވެރިކަންކުރާ ރަށަކަށްވާއިރު އެކަން ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާލެއާ ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ ފަހުގެ މަރުހަލާ މި އަހަރުގެ ތެރޭގައި ފަށައި ހިދުމަތް ގުޅާލެވޭވަރު ވާނެކަމަށް މަތީނު ވިދާޅުވި އެވެ. އަދި މާލޭގެ ފެނުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބެލުމަށްފަހު އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް މި އަހަރުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން