ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ (މ)
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ (މ)
ރަމަޟާން މަހުގެ ފަހު 10ގައި ކޯޓުތަކުން ފޯރުކޮށްދޭނީ ތިން ހިދުމަތެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.

ޑީ.ޖޭ.އޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކުގައި ކޯޓުތަކުން ފޯރުކޮށްދޭނީ ވަކި ހިދުމަތްތަކެއް، ވަކި އިންތިޒާމެއްގެ ދަށުން ކަމަށެވެ.

އެގޮތުން އެ ދުވަސްތަކުގައި ކޯޓުތަކުން ފޯރުކޮށްދޭނީ ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރުމާއި، ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދު ކުރުމުގެ ހިދުމަތެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ، އެ ދުވަސްތަކު ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ސަރުކާރުގެ އޮފީސްތަކުން ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޑީ.ޖޭ.އޭ އިން ބުނެފައި ވަނީ، ބަންދު ދުވަސްތަކުގައިވެސް ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދު ކަމަށް ވެފައި، ރޯދަ މަހުގެ ފަހު 10 ދުވަހު ދަރިންގެ ހަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ކޮންމެހެންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށް ޑީޖޭއޭގެ ބަޔާނުގައިވެއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަސް ބަންދު ކުރަން ސަރުކާރުން ނިންމާފައި ވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުން އާއްމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ޑީ.ޖޭ.އޭ އިން ބުނެފައިވެއެވެ.

"މި ބީދައިން ޝަރުއީ ދާއިރާގެ މުވައްޒަފުން މި ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ދޭ ނިސްބަތުން އިތުރުގަޑީގެ ފައިސާ ދިނުމަށް ވަނީ ހަމަޖެހިފަ" ޑީ.ޖޭ.އޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން