ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައިކޯޓަށް ޝަކުވާ ހުށައަޅުއްވައިފިއެވެ.

އަޙްމަދު ރަޝީދު އެމައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް މެންބަރު ރަޝީދު ހުށައެޅުއްވި މައްސަލާގައިވަނީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމުން އިންތިޚާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވުމަށްފަހު އަޙްމަދު ރަޝީދު ނަން އަނބުރާ ނަންގަވާފައިވަނީ ރޯދަ މަހު އިންތިހާބު ބޭއްވުމަށް އީސީން ނިންމުމުން ކަމަށްވެއެވެ. ނަމަވެސް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާޙާއެކު އީސީން މިހާރު ނިންމާފައިވަނީ އޭޕްރީލް 21 ގައި އިންތިޚާބު ބޭއްވުމަށެވެ.

އަޙްމަދު ރަޝީދު ނަން ނެންގެވުމުން ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަކުރާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝުއާއުއާއި، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން