ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް އެއް ޑާޓާބޭސްއަކަށް އަޅައި އޭގައި އެ މައުލޫމާތު ރައްކާކޮށް ބަލަހައްޓަން ފެށުމަށް ތައްޔާރުވަމުންދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެންބަރަކު އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު މިއަދުވަނީ، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބިދޭސީންގެ ދަފްތަރުތައް ގަވާއިދުން ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިޔުމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ކުރައްވާފައެވެ. އަދި ރާއްޖެއަކީ ވަކިވަކި ރަށްރަށް އެކުލެވޭ ގައުމެއްކަމަށްވާއިރު އެކަމަކީ ކުރަން ފަސޭހަކަމަކަށް ވެސް ވާއިރު އެކަން މިދިޔަ ސަރުކާރުގެ ވަޒީރަށް ވެސް ނުކުރެވުނުކަންވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ ޖަވާބުގައި އިހުސާން ވިދާޅުވީ، ކައުންސިލްތަކުން ބިދޭސީންގެ ދަފްތަރުތައް ބެލެހެއްޓުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަމަށެވެ. ނަމަވެސް، ކައުންސިލްތަކަށް ވެސް އެކަށީގެންވާ ޑާޓާ ބޭސްއަކަށް އެކްސަސް ލިބިފައި ނެތި އެކަން ބެލެހެއްޓުންވާނީ ދަތިކަމަކަށްކަން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި، ހާއްސަ ޑާޓާބޭސްއެއް ތައްޔާރުކޮށް އޭގައި ހުންނަ މައުލޫމާތު ބެލޭނެގޮތަށް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ވަސީލަތްތަކާއެކު ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

އެ މަސައްކަތުގެ ދަށުން، ކައުންސިލްތަކުން ވެސް ވަކިވަކި ބިދޭސީންގެ ފިންގަރޕްރިންޓް ރީޑުކޮށްލުމުން އެއީ ކޮންތަނެއްގެ ކާކުކަން ކީއްކުރަން އައިސްއުޅޭ މީހެއްކަން އެނގޭނެގޮތް ހަމަޖެހިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އަމާޒު ހިފާފައިވާނީ އެއް އަހަރުތެރޭގައި އެ މަސައްކަތް ފުރިހަމަ ކުރުމަށްކަމަށެވެ.

"އަމާޒަކީ މޮބައިލް ޑިވައިސްތަކާއި ފިކްސްޑް ޑިވައިސްތައް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި އެތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމަ ކާކުތޯ ޑާޓާބޭސްއިން އެނގޭވަރު ކޮށްދިނުން. އަޅުގަނޑުމެން މިހާރު އަމާޒު ހިފާފައިހުރީ އެއް އަހަރުގެ ތެރޭގައި މިކަން ކުރުން. އޭރުން ކައުންސިލްތަކަށް އެކްސަސްލިބި އަންނަނީ ކާކުތޯ ނާންނަނީ ކާކުތޯ، އަދި ފުރައިގެންދާ މީހާވެސް ދިޔަކަން، އައިމީހާ އައިކަން، ކައުންސިލްތަކަށް ކުރެވޭނެ މަގެއް ދެއްކޭނެ." އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން