ޓެކްސީގައި މަސްތުވާތަކެތި އުފުލި މީހަކަށް 25 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި މައްސަލައަކީ 2021 ވަނަ އަހަރު ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރިން ފުލުހުން ހިފެހެއްޓި ޓެކްސީއެއްގެ ޑިކީ ތެރޭގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 24 ރަބަރު ޕެކެޓާއި ބެކްޕެކެއްގެ ތެރެއިން 4 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ދަޢުލަތުން ދަޢުވާ އުފުލި މައްސަލައެކެވެ.

ޓެކްސީގައި ޑްރަގް އުފުލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދަޢުވާ އުފުލި ނަމަވެސް ދައުވާ ސާބިތުވެފައި ވަނީ ގދ. ހޯނޑެއްދޫ / ގުލޭނޫރަންމާގެ އަލީ ޒުބައިރުގެ މައްޗަށެވެ. މި ކުށުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅުންހުރި މަސްތުވާތަކެތި ފެނިފައިވަނީ، ތިން ތަނަކުން ނެވެ.

އެއީ ފުލުހުން އަތުލައިގަތް ޓެކްސީއާއި އަލީ ޒުބައިރު ދިރިއުޅޭ މއ.ކަނޑޫގޭގެ ދެވަނަ ފްލޯގެ ކޮޓަރީގެ އިތުރުން ހުޅުމާލެ ރަބަރުގަސްމަގުގެ 03 ނަންބަރު ގޯޅީގައި އޮތް ހުދުކުލައިގެ ކާރަކުންނެވެ. މި ތިން ތަނުން ފުލުހުން ވަނީ 118117.4 ގްރާމްގެ ޑައިމޯފިން އަތުލައިގެންފައެވެ.

މައްސަލައިގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ޤާޟީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.

އަދި ޖޫރިމަނާ ފައިސާގެ އަދަދު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން