ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ކުރީގެ ރައީސް ޔާމީނަށް ކުރާ އަނިޔާ ދަންމާލަން ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވައިފި އެވެ.

މަލީހު މިއަދު ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކުރީން ރައީސް ޑރ. މުއިއްޒު އިތުރު ބަހަނާއަކާ ނުލައި ރައީސް ޔާމީން މިނިވަން ކުރަށްވަން ޖެހޭނެ ކަމަށެވެ.

އެހެން ނޫންނަމަ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ރައީސް މުއިއްޒުގެ ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

"މަޖިލިސް މެޖޯރިޓީ ހޯދަން އުޅުއްވަނީ ރައީސް ޔާމީނަށްކުރާ އަނިޔާ ދަންމާލަންކަން މިހާރު ސާފު." މަލީހު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކެމްޕޭންގެ ތެރޭގައި ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރައީސް ޔާމީންއާ ރައީސް މުއިއްޒުގެ ގުޅުން ވަނީ ކެނޑިފަ އެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭ ގޮތުން މާބޮޑަކަށް ޑރ. މުޢިއްޒު ވާހަަކަފުޅެއް ނުދައްކަވައެވެ.

ރައީސް ޔާމީންވެސް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު އެމަނިކުފާނު މިނިވަން ކުރަށްވާނެ ކަމަށް އުއްމީދު ނުކުރަށްވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އޭރު ރައީސް ކަމުގައި ހުންނެވި ރައީސް ޞާލިޙް ވަނީ މިދިޔަ އޮކްޓޫބަރު މަހު ރަައީސް ޔާމީން ގެއަށް ބަދަލު ކުރަށްވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އެމަނިކުފާނަށް އިތުރު ލުޔެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

ޙުކުމް ތަންފީޒުކުރާ މީހުންނަށް ސިޔާސީ ކަންކަމުގައި އުޅުން މަނާ ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން