ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނައި ޔޫއޭވީތައް ގަތުމަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ޙިއްސާކުރެވިދާނެކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޣައްސާން ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް ޔޫއޭވީތައް ހޯދާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަމަށާއި އަދި އެތަކެތި ގެނެސްފައިވަނީ ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ހުރިހާ އުސޫލަކާއި އެއްގޮތަށް ކަމަށެވެ.

ޣައްސާން މިއަދު ވިދާޅުވީ ޑްރޯން ގަތުމަށް ހިންގި މުޢާމަލާތުގެ ހުރިހާ ލިޔެކިޔުންތައް އެވުޒާރާގައި ހުންނާނެ ކަމަށެވެ. އަދި ބައްލަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބަލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން އެއީ ކުރާ ކަމެއް ނޫން، އެހެންކަމުން އެ މައުލޫމާތު މިތަނުގައި އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެނަށް ހާމަކުރެވިދާނެ،" ޣައްސާން މިއަދު ވިދާޅުވިއެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކޮށްފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ.

ރާއްޖެއަށް ޑްރޯންތައް ގެނެސްފައިވަނީ ތުރުކީންނެވެ. ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ދެ ޑްރޯންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މި ޑްރޯންތައް ރާއްޖެއަށް ގެނައުމަށް ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން