72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު (ވ)
72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު (ވ)
ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 7 ޑިސެމްބަރު 2020 ގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ކްރތިމިނަލް ކޯޓުން މިއަދު އިރުފާން އަލުން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މީގެކުރިން އިރުފާންގެ ބަންދު މުރާޖައާކޮށްދޭން ދަޢުލަތުން އެދުމުން އޮކްޓޫބަރު 3، 2023 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ. އަދި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ޑިސެމްބަރު 20، 2023 ގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް މި މާރޗް މަހުގެ 21 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އިރުފާނުގެ ބަންދާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރާއިރު ބަލާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ބަދަލު އައިސްފައިވޭތޯ ނުވަތަ ނޫންތޯ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން މައްސަލައިގެ މައުޟޫއީ ޝަރީއަތުގައި ހިނގާ ކަންކަމާއި ހުށައެޅޭ ހެކިތަކަށް ރިއާޔަތް ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށްވެސް ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލާގައި ޤާޟީ އިބްރާހިމް އިޙްސާން މިއަދު ވިދާޅުވީ، އިރުފާންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެއިތުރުން އިރުފާނުގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށުގައި ބައިވެރިވެފައިވާކަމަށް ބެލެވޭ މިންވަރަށް ބަލާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދަމަހައްޓަވަން ޤާޟީ މިއަދު ނިންމެވިއެވެ.

"މަސްޖަރީ 2" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި 10 މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން