ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
މަޖްލިސް އިންތިޚާބަށްފަހު ސަރުކާރުން ރައްޔިތުންނަށް ދޭނީ ތެޔޮހަމެއް ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓް ލިބުނު ބައެއް ކެންޑިޑޭޓުންނަށް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން ތާޢީދު ނުކުރާތީ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުން ދަނީ ރައްޔިތުންނަށް ހައްދެއްނެތް މިންވަރަށް އޮޅުވާލަމުންކަމަށެވެ.

އެގޮތުން މި ސަރުކާރުން ދެކެނީ ދެންތިބި މީހުންނަކީ ބުއްދިއެއް ނެތް ބައެއްކަމަށް ކަމަށާއި މަޖްލިސް އިންތިޚާބަށްފަހު ސަރުކާރުން ރައްޔިތުންނަށް ދޭނީ ތެޔޮހަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“ހިތަށް އަރާ ޑރ. މުއިއްޒަށް ނިދަން އުނދަގޫ ނުވޭބާއޭ؟ ފާޅުގައި ދޮގުހެދުމުގައި ޙައްދު ފަހަނަޅާގޮސްފި. ހަމަ ބުހުތާނު ދޮގު ހެދުމުގައި. ދެންތިބީ ވިސްނުމެއް ނެތް ބައެއްކަމަށް ގަބޫލް ކުރައްވަނީތޯ؟” ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ކީރިތި ޤުރުއާނުގެ ސޫރަތް އަލް އިސްރާގެ 67 ވަނަ އާޔަތުން މިސާލު ޖައްސަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމް ޙާލުގައި ވަނިކޮށް ބޮޑު ނަޞްރެއް ލިބުމުން މިއަދު ޑރ. މުޢިއްޒު އެކާމިޔާބު މިންވަރުވިގޮތް ހަދާން ނައްތާލައިފި ކަމަށެވެ. އަދި ކުރިއަށް އޮތް މަޖްލިސް އިންތިޚާބު މިސަރުކާރަށް ކާމިޔާބުވެއްޖެނަމަ ސަރުކާރުން ޢަދާވާތްތެރިކަން އިތުރަށް އިސްކުރާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީނަށާއި ޕީޕީއެމްގެ ވައުދުތަކަށް ރައީސް މުޢިއްޒު ފުރަގަސްދެއްވި ގޮތަށް، މަޖްލިސް އިންތިޚާބަށްފަހު ރައްޔިތުންނަށް ވެސް ދޭނީ ތެޔޮހަމެއް ކަމަށެވެ.

“ވަޒީފާއިން ވަކިކުރާނެ. ސިޔާސީ ގޮތުން އަނިޔާކުރާނެ. ކޯޓްތަކަށް ނުފޫޒު އިތުރުކުރާނެ. ގާނޫނަށް ތަބަޢަނުވާނެ. ސަރުކާރު ކެންޑިޑޭޓުން ނޫންގޮތެއް ޚިޔާރު ކުރަންޖެހެނީ މިހެންވެ.” ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މިމޭރުމުން ވިދާޅުވެފައިވާއިރު ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ކުރަށްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް އެ ވަޢުދު މިހާތަނަށް ފުއްދާދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޑރ. މުޢިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން