ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީޕީއެމްގެ ލަޝްކަރު ވަރުގަދަ ކުރުމުގައި ދެމިހުންނަވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމް/ ޕީއެންސީއަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން ފަޒުލް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕުން ނިންމި ނިންމުމާ އެއްގޮތަށް އެ އިންތިޚާބުގައި ވާދަކުރަށްވައި ރައީސް މުޢިއްޒު ވަނީ ދިވެހިންގެރާއްޖެ ދިވެހިންނަށް ހޯއްދަވައި ދެއްވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައިކަމަށެވެ.

އަދި ޕީޕީއެމްގެ ލަޝްކަރު މަގުމަތިކޮށްލުމަކީ ރައީސް ޑރ. މުޢިއްޒު ކުރަށްވާނެ ކަމެއް ނޫން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

“ރައީސް ޑރ. މުޢިއްޒު ޕީޕީއެމްގެ ލަޝްކަރު ވަރުގަދަކޮށް ޤައުމު ބިނާކުރުމަށް ދެމިހުންނަވާނެ.” ފަޒުލް ވިދާޅުވިއެވެ.



ފަޒުލް މިހެން ވިދާޅުވެފައިވާއިރު ޕީއެންއެފްގެ ހަރުގެ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މި ސަރުކާރަކީ ޕީޕީއެމްގެ އަސާސްތަކާ ދުރު ސަރުކާރެއްކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން