ރާއްޖޭގެ ފުޑް ސެކިއުރިޓީގެ މައި ހަބަކަށް އުތުރުތިލަފަޅު ހައްދަވާނެ ކަމަށާއި އެކަމަށްޓައި 200 ހެކްޓަރުގެ ބިން އުތުރު ތިލަފަޅުން ހިއްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށްޓަކައި އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯނުން ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ.

އެ މަސައްކަތުގެ ތަފްސީލް ޙިއްސާ ކުރަށްވަމުން ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވީ ފުޑް ސެކިއުރިޓީގެ މައިހަބެއްގެ ގޮތުގައި ތަރައްޤީކުރާ އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށާއި ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިންބޮޑު ރަށްތައްވެސް އެމަޝްރޫގައި ހިމަނުއްވާނެ ކަމަށެވެ.

އަދި މިއީ ރާއްޖޭގެ މުސްތަގްބަލަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގާކަމަށާއި އޭރުން އެތައް ވަޒީފާތަކެއް އުފެދި ދިވެހިންގެ ފުދުންތެރިކަން ގާއިމުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އެ ވަނީ މަސައްކަތް ފެށިފަ. ފުޑް ސެކިއުރިޓީ މި ދައުރުގައި ފުރިހަމައަށް ގާއިމުކުރާނަން،” ރައީސް މުޢިއްޒު ރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުން ކަމަށެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެވެ.

އުތުރުތިލަފަޅުގައި ކުރިއަށްގެންދާ ފުޑް ސެކިއުރިޓީ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީންވެސް ވަނީ ބުނެފައެވެ.

ދާދިފަހުން ރ. އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރު ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެގޮތް ޤާއިމުވެގެންދާނެ ކަމަށެވެ.

އަދި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިތިބި ރައްޔިތަކަށް ހެދުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން