އިޤްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން ހުރިހާ ސެކްޓަރެއްގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހަކާމެދު ފުވައްމުލައް ސިޓީ, ނިއުވެލީ, އަލީ ޝަފީޢު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިޤްތިސާދު ހަރުދަނާވަމުންދާ މިންވަރަކުން ހުރިހާ ސެކްޓަރއެއްގެ މުސާރަވެސް ބޮޑުކުރެވިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވަޢުދުވެފައިވަނީ ގައުމުގެ އިޤްތިސާދު ހަރުދަނާވާ މިންވަރަކުން މި ދައުރުގެ ތެރޭގައި ހުރިހާ ސެކްޓަރެއްގެ މުސާރަވެސް ބޮޑުކުރުމަށް ކަމަށެވެ.

"ޤައުމުގެ އިޤްތިސާދު ހަރުދަނާވާ މިންވަރަކުން. އާމްދަނީ ލިބޭ މިންވަރަކުން, އިޤްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ދަޢުރު ތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކޮށްފައިވާކަމަށާއި އެގޮތުން ފުލުހުންނާއި ސިފައިންނާއި އެެހެން ބައެއް އިދާރާތަކުގެ މުސާރަވެސް ބޮޑުކޮށްފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް މީގެކުރިން ވިދާޅުވެފައިވަނީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް، މަޖިލީހުގެ ތެރެއިން ބައެއް މަސައްކަތްތަކެއް ކުރެވިގެން ނޫނީ މުސާރައަށް ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން