ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ އުނިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށެވެ.

އެގޮތުން ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ގާނާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށާއި، އެހެންކަމުން ހުރިހާ މަސައްކަތެއްވެސް ވީހާވެސް އަވަހަކަށް ފެށިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންކަމުން އޭޕްރީލް 2024 އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް، އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށްދެއްވުމަށް ދަންނަވަމެވެ." 19 ވަނަ މަޖިލީހުގެ ފުރަތަމަ ރައީސްކަން ކުރެއްވި ރައީސް ނަޝީދުގެ ސިޓީގައިވެއެވެ.



ރައީސް ނަޝީދު ގާނާގެ އަކްރާ ސިޓީއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެގައުމުގައި ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން އަހަރުތަކެއް ވަންދެން ދިރިއުޅުއްވަމުން ގެންދަވާނީ އެ ސިޓީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރައީސް ނަޝީދުވަނީ ސިޔާސީ ކަންކަމާއި ވަގުތީގޮތުން ދުރަށްޖެހިވަޑައިގެންނެވިކަންވެސް އިއުލާނު ކުރަށްވާފައެވެ.

ކުރީގެ ރައީސުންނަށް ލިބޭ މާލީ އިނާޔަތާއި އެހެނިހެން އެލަވަންސް ތަކުގެ މަޢުލޫމާތު މާލީ ވުޒާރާއިން މީގެ ކުރިން ޢާއްމު ކޮށްފައި ވާއިރު، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނުވަނީ ކުރީގެ ރައީސުންނަށްދޭ މާލީ އިނާޔަތާއި، ލިވިން އެލަވަންސް ނެންގެވުން ހުއްޓަވާލައްވާފައެވެ. އެމަނިކުފާނު މިހާރު ނަންގަވަނީ އޮފީސް ހިންގުމަށް ލިބޭ 175،000 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ އުނިކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، މި ހިނގަމުން އަންނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން