ރާއްޖޭގެ ދުސްތޫރު ހެދިފައި އޮތީ ރައްޔިތުންގެ މަޖިލީހާއި ނުލައި ސަރުކާރު ހިންގޭ ގޮތަކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

އެގޮތުން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަން ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ނުލައި ސަރުކާރު ހިންގޭގޮތަށް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔަށް ކުރާ ކަންކަމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދޭނެ މެންބަރުން މުހިންމުވަނީ އެހެންވެ ކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ހިންގުމަށް މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ކުރެވޭގޮތް ވެއްޖެނަމަ މި ފަސް އަހަރުގެ ތެރޭގައި މާލޭގެ ގެދޮރުގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ރޭ ބޭއްވި ޖަލްސާއެއްގައި ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ގާނޫނު މަޖިލީހުގެ ތެރެއިން ފާސްވާން ބޭނުންވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން