މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި އުފުލި ގޮތުގެ ތަފްސީލު ފުލުހުން ޢާއްމުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މާލެއާއި ހުޅުމާލޭގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 14 އަށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް ދަޢުލަތުން ދަޢުވާ އުފުލާފައިވެއެވެ. އެއީ އަލީ ޒުބައިރާއި، އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ފުލުހުން މިއަދު އާންމުކުރި މައްސަލައާ ގުޅުންހުރި ވީޑިއޯގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތި އުފުލަން ފިހާރައިން ފޮއްޓާއި ދަބަސް ގަންނަން ދިޔަ މަންޒަރުތަކާއި، ފޮށިތައް ގެއިން ނެރެގެން ފަޅުގައި އޮތް "ބަންގާ" ނަމަކަށް ކިޔާ ލޯންޗަށް އަރުވާ މަންޒަރު ވެސް ފެނެއެވެ. އެ ތަކެތި ލޯންޗަށް އެރުވީ ޒުބައިރުގެ އިތުރުން މުހައްމަދު އަކްރަމް އަބްދުލްހަންނާނު އާއި އަހުމަދު މުޖާހިދު އެވެ.

އޭގެ އިތުރުން މުޖާހިދު ދުއްވި ކާރެއް ހުޅުމާލެއިން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ކާރުން ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އެ ކާރުން ފެނުނު ފުޅިމަދު ފޮށިގަނޑުތައް ހިފައިގެން ޒުބެއިރާއި ސުނެއިން އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް ފުލުހުން މިއަދު އާންމުކޮށްފައިވެއެވެ.

ފުލުހުން މިއަދު ބުނީ ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާއި ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކުރަމުން ގެންދާނެކަމަށެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މިމައްސަލައިގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ޤާޟީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.

އަދި ޖޫރިމަނާ ފައިސާގެ އަދަދު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ވަނީ އަންގާފައެވެ.

މި މައްސަލާގައި ދައުވާ ސާބިތުނުވީ ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ސުނައިނު ސަލާމަތްވުމުން އޭނާގެ މައްސަލަ ހައި ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެ އެވެ.

މައްސަލާގައި ތުހުމަތު ކުރެވޭ މުޙައްމަދު އަކްރަމް އަބްދުލް ޙަންނާން ވަނީ، ފުލުހުން މަސްތުވާތަކެތި އަތުލައިގަތް ދުވަހުގެ ހަވީރު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށާއި، މިހާތަނަށްވެސް އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު ދުބާއީން ޑީޕޯޓްކޮށްލުމުން ލަންކާ މަގުން މީގެކުރިން ވަނީ ރާއްޖެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން