އައްޑުއަތޮޅާއި ހުވަދުއަތޮޅު ގުޅުވައިދޭ އެތެރޭގެ އުދުހުންތައް ފެށުމަށް ނިންމާފައިވާކަން މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ، "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ގުޅުވައިދޭ ހިދުމަތް، 29 އޮކްޓޫބަރު 2024އިން ފެށިގެން ހަފްތާއަކު ދެ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

އެގޮތުން "ސައުތު ކަނެކްޓިވިޓީ"އަކީ ދިވެހި ސަރުކާރުން އިސްނަންގަވައިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދިނުމަށް ޓަކައި، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން , މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް 2،100އަށް ވުރެ ގިނަ އެނދު ހިމެނޭ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ސީދާ ދިއުމުގެ މަގު ފަހިވާނެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް/އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމަކަށް ވާނެއެވެ." މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ.

މޯލްޑިވިއަނުން ބުނީ، މި ޚިދުމަތުގެ ޓިކެޓް ބުކިން 4 އޭޕްރީލް 2024އިން ފެށިގެން، މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންއާއި ޓިކެޓިން އޮފީހާއި ސޭލްސް އޭޖެންޓުން ހިމެނޭ ގޮތަށް މޯލްޑިވިއަންގެ ޓިކެޓު ބައްލަވައިގަންނަވާ ހުރިހައި ވަސީލަތަކުން ވެސް ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން