މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ސަރުކާރަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ސަރުކާރު ޖަވާބުދާރީ ނުކުރެވި ވަރަށް ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށެވެ.

އެކަމުގެ ހެކިތައް މިހާރުވެސް ފެންނަމުންދާކަން ފާހަގަ ކުރަށްވަމުން އާޒިމް ވިދާޅުވީ، މިސަރުކާރުން އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށްބުނި ނަމަވެސް ޢަމަލުތައް ބަހައްޓަމުން ދަނީ އެގޮތަށް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން އެކިފަރާތްތަކާއެކު ސިއްރު އެގްރިމެންޓްތަކެއް ހަދަމުންދާ ކަަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ފޮރިން ޕޮލިސީއަށް ފާޑު ވިދާޅުވަމުން އާޒިމް ވިދާޅުވީ، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ތަންތަން ދިގު މުއްދަތަށް ވިއްކާލާ އަދި ބައެއް ތަންތަން ދިގު މުއްތަށް ކުއްޔަށް ދެމުންކަމަށާއި، އެއީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ.

"މަޖިލީހަކީ ވަރަށް މުހިންމު ތަނެއް. އަޅުގަނޑުމެން އެބަޖެހޭ ކޮންކަހަލަ އެގްރީމެންޓްތަކެއް، ކޮން ޤައުމުތަކަކާއިތޯ ހަދަނީ ބަލަން." އާޒިމް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި އާޒިމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ދެފުށްފެންނަ ވެރިކަމެއް ކުރަމުން ނުދިއުމަކީ ރާއްޖެ ވަރަށްބޮޑު ނުރައްކަލަކަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ދިނުމުގެ މުހިންމުކަން އާޒިމް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން