މި ސަރުކާރުން ވެރިކަމަށް އައީ ރައީސް ޔާމީން ރަމްޒުކޮށްދޭ ހުސްގޮނޑިއެއް ދައްކައިގެން ކަމަށާއި، މިއަދު ރައީސް ޔާމީނުގެ ޙައްގުތަކަށް ވީގޮތަކާމެދު އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ރައީސް ޔާމީނަށް ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޑރ. ޖަމީލް ރައީސް ޔާމީންގެ ވަކީލަކަށް ހުންނަވައިގެން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށް މިހާރުގެ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، އެދުވަހޭ ކިޔައިގެން މިސަރުކާރުގެ ވަޒީރުން އިތުރުފުޅު ހައްދަވާއިރު މިއަދު ރައީސް ޔާމީނުގެ ޙައްގުތަކަށް ވީގޮތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ، މިނިސްޓަރ ޝިޔާމްވެސް ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވެގެން މިއަދު އަޑު ނުއުފުލާ ކަމަށާއި، މިއަދުވެސް ބައްދަލުވުންތަކަށް ވަޑައިގަންނަވަން ރައީސް ޔާމީނަށް ހުއްދަ ނުލިބޭ ކަމަށެވެ.

"ސަރުކާރު ހޯދީ ހުސްގޮނޑި ދައްކައިގެން ނޫންތޯ؟ އެދުވަހު ދެއްކީ އެހެން ވާހަކަތަކެއް ނޫންތޯ؟" ޝިޔާމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، މިއަދު ޝިޔާމަކީ ވަޒީރެއް ކަމަށާއި، ރައީސް ޔާމީނަށް ރައީސް ޞާލިޙްގެ ސަރުކާރުން ދިން ލުޔެއްގެ އިތުރުން އެއްވެސް ލުޔެއް ނުދެވިގެން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"ޙަރާން ޙުކުމޭ ކިޔަން މިއަދު ނުކެރިގެން ތިއުަޅެނީ ކީއްވެ؟ މަސްވެރިންގެ ވާހަކަ ދައްކާގޮތަށް ގާނޫނީ މަސައްކަތުގެ ވާހަކަ ނުދައްކަވާ! ބުއްދި ގަބޫލްކުރާ ޒާތުގެ ވާހަކަ ދައްކަވާ!" މިނިސްޓަރު ޝިޔާމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް އިއްޔެ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިޢުނާފްގެ މައްސަލަ 72 ގަޑިއިރުގެ ތެރޭގައި ކޯޓަށް ވެއްދުމަށް އެމަނިކުފާނު އެންގެވި ނަމަވެސް ޑރ. ޖަމީލް އެކަން ކުރެއްވީ 2 މަސް ފަހުން ކަމަށެވެ.

އެހެންކަމުން ޑރ. ޖަމީލަކީ އެއްވެސް މިންވަރަކަށް އިޚްލާސްތެރި ބޭފުޅެއް ނޫން ކަމަށާއި، ރައީސް ޔާމީނަށް އެންމެ ބޮޑު އަނިޔާއެއް ދެއްވީ ޑރ. ޖަމީލުކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން