ދަޢުލަތުން ބަދަލު ދެމުންދަނީ، ކުރީ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން ނިންމި ފަރާތްތަކަށް ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިއަހަރު އެކަނިވެސް ދަޢުލަތުން 82 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާއިރު ޑރ. ޝަފީޢު ވިދާޅުވީ މި ސަރުކާރުން އެއްވެސް ބަޔަކަށް ބަދަލު ދޭން މިހާތަނަށް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ބަދަލު ދެމުން އަންނަނީ، ކުރީ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން ބައެއް ޕޭމެންޓްތައް ދޫކޮށްފައި ހުރި ފަރާތްތަކަށް ކަމަށް ޑރ. ޝަފީޤު ވިދާޅުވިއެވެ.

“މިހާރު ޕޭމެންޓްތައް ދޭން ޝެޑިއުލެއް ހެދިފައި އެބަހުރި. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ކޮންމެ ދުވަހަކަށް ފައިންއެއް އަރާ ގޮތަށް އެބަހުރި.” މި ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވަމުން ޑރ. ޝަފީޤު ވިދާޅުވިއެވެ.

ޑރ. ޝަފީޤު ވިދާޅުވީ ބަދަލުދޭންޖެހޭ ފަރާތްތަކަށް ޕޭމަންޓްތައް ދޫކުރަމުންދަނީ އޭޖީގެ ލަފާވެސް ހޯއްދަވައިގެން ކަމަށެވެ.

މިސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ވެރިކަމުގައި ބަދަލުގެ ގޮތުގައި ދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކިފަރާތްތަކަށް ބަދަލު ދެއްވާފައިވަނީ ރައްޔިތުންގެ ބޮލުގައި އިތުރު އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށެވެ.

އެގޮތުން މިސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރު ބަޖެޓުގައި ހިމަނާފައިވަނީ 101 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އޭގެތެރެއިން 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ޢާއްމުކޮށްފައިވާ ރިޕޯޓުން ސަރުކާރުން ބަދަލުގެ ގޮތުގައި މިއަހަރު 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ދިނީ ކޮން ބަޔަކަށްކަން އެނގޭކަށް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން